އެމްޑީޕީގެ އާންމު މެންބަރުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދި އެއްވެސް މީހެއްގެ ކައިރިން މާފަށް އެދެންޖެހޭނެ ބައެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ ”އިތުބާރު“ ކެމްޕެއިނަށް ހއ. ކެލެއަށް ވަޑައިގެން، އެ ރަށުގެ އެމްޑީޕީ އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށް ދިޔުމުން، ކުރީގެ ރައީސް ނަޝީދު ވަނީ މާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުންވެސް އެމަނިކުފާނު އަރިހުން މާފަށް އެދެންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން މީކާއީލް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. މީކާއިލް ވިދާޅުވީ، ޕާޓީގެ ލީޑަރުންނަށް މިއަދު ލިބިވަޑައިގަންނަވާ ހުރިހާ ޝަރަފަކާއި އިނާޔަތްތަކަކީ އާންމު މެންބަރުންގެ ބުރަ ގުރުބާނީގެ ނަތީޖާ ކަމަށެވެ.
”އަޅުގަނޑެއް ހަމަ އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން ރައީސް ނަޝީދެއް ނޫން އެއްވެސް މީހެއްގެ ފަރާތުން އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެން ޖެހޭނެކަމަށް. އެމްޑީޕީގެ އާންމު މެންބަރުން އެބޭފުޅުން އެބޭފުޅުންނަށް ހެދީ އެމްޑީޕީގެ އާންމު މެންބަރުން. ވަރަށް ގިނަ އަހަރުގެ ވަރަށް ބޮޑެތި ގުރުބާނީތަކަކަށްފަހު އެބޭފުޅުން އެބޭފުޅުންނަށްވީ،“ މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި، ނަޝީދު ވިޔަސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިޔަސް ގައުމުގެ ރައީސްކަމުގެ މަގާމަށް ގެނައީ އެމްޑީޕީގެ އާންމު މެންބަރުންނެވެ. އަދި އެ ބޭފުޅުންނަށް މިއަދު އެލިބޭ މަގާމުތަކާއި، ދާއިމީ އިނާޔަތްތަކާއި ޝަރަފަކީ އާންމު މެންބަރުންގެ ސަބަބުން ލިބޭ އެއްޗެއްކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރު ފެނިގެންދިޔައީ އާންމު މެންބަރުންގެ އެއްވެސް ގުރުބާނީއަކަށް ރިއާޔަތްކުރުމެއް ނެތް ގޮތަށް، ހަމައެކަނި ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި އެމްޑީޕީގެ އެތައް ހާސް މެންބަރުންނެއް މަގުމަތިކޮށްލި މަންޒަރު ކަމަށެވެ.
އެހެންކަމުން، އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކުރިމަތީގައި ކުށްވެރިވާންޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް މީކާއީލް ވިދާޅުވިއެވެ.



