ގއ ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް 36 އަހަރުގެ ދިވެހި ފިރިހެނަކު ހޯދަމުންދާ ކަމަށެވެ. ފުލުހުން އިއުލާން ކޮށްފައިވަނީ ތ. ގުރައިދޫ، ވިނަރެސް އަހްމަދު ޝާތިން ނަމަކަށް ކިޔާ މީހަކު ހޯދުމަށެވެ.
މީނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނޫ ބުނެފައެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި، އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ފުލުހުން ވަނީ މިމީހާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާކަމަށެވެ.
މިފަހަކަށް އައިސް މަކަރާއި ހީލަތުގެ މައްސަލަތައް ގިނަވަމުންދާއިރު، ފުލުހުން ދަނީ މިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ތިމާ ފައިސާ ފޮނުވާ ފަރާތާ މުއާމަލާތްކޮށް ޔަގީންކަން ލިބިގެން ނޫނީ ފައިސާ ނުފޮނުވުމަކީ އެންމެ މުހިންމު އެއް ކަމެވެ.



