ރާއްޖޭގައި ޑެންގީ، އިންފްލުއެންޒާ އަދި ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ކުރިއަށް އޮތް އީދު ޗުއްޓީ ތެރޭގައި ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އެޖެންސީން ހާމަކުރި ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާ އާއި ޑެންގީ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވެފައިވާއިރު، މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ވަނީ ފެނިފައެވެ.
އީދު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރު ކުރުން އިތުރުވުމާއި، ގޭގެއަށް ޒިޔާރަތް ކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާނެތީ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިގޮތުން، ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، އާންމު އެއްވުންތަކަށް ނުގޮސް ގޭގައި މަޑުކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
ބަލިޖެހިގެން ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމުގެ އިތުރުން، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ. ވަކިން ހާއްސަކޮށް، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށާއި، އެއާޕޯޓް ޓާމިނަލްތަކާއި ފެރީ ލައުންޖް ފަދަ މީހުން ގިނަ ބަންދު ތަންތަނުގައި މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މަދިރީގެ ޒަރިއާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ގެއާއި ގޯތިތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ. އަދި ހަށިގަނޑު ބޮޑަށް ނިވާވާގޮތަށް ހެދުން އެޅުމާއި، ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަކީ ބަލީގައި ބޮޑުވަރުވިޔަ ނުދިނުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރެއެވެ.
އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްތަކަށް ދަތުރުކުރަމުންދާއިރު، މި ބަންދަށްފަހު ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ދެން ހުޅުވޭނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.
އެހެންކަމުން މި މުއްދަތުގެ ތެރޭގައި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދީ، ސައިބޯނި ލައިގެން އަތްދޮވުމާއި ސެނިޓައިޒް ކުރުމަށް އެޗްޕީއޭއިން ހަނދާންކޮށްދެއެވެ.



