އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ”ޢީދު ހަވީރު 1447“ ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންވެސް ބައިވެރިވާނެކަން އެކުންފުނިން ހާމަކޮށްފިއެވެ.
މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން ފެށިގެން 6.00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ޢީދު ހަވީރު 1447“ ފެސްޓިވަލުގައި މި ކުންފުނީގެ ސްޓޯލްތަކާއި، ފޯރިގަދަ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން، ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ މި ހަރާކާތުގައި ކޯޑިއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައްވެސް ކުރިއަށް ދާނެއެވެ.
މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތައް މަތިން ހަރަކާތްތެރި ވަމުންދާނެއެވެ.
އެމްއޭސީއެލްގެ ސްޓޯލްގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީހައުސް (ގަސްމަތީ ގެ)އަކާއި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ ޢައިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިއާއެކު ކުޑަކުދިންނަށް ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރތައްވެސް މި ސްޓޯލްގައި ޤާއިމްކުރެވިފައި ހުންނާނެއެވެ.
އެމްއޭސީއެލްގެ ސްޓޯލްތައް ބަހައްޓާފައި ހުންނާނީ ހުޅުމާލޭ ސެންޓްރަލް ޕާރކުގެ އިރުމަތީ އެންޓްރެންސްގައެވެ.
މީގެއިތުރުން މިއަހަރުގެ ޢީދު ޚާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުރުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައްވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވެއެވެ.
އަޟްޙާ ޢީދުގެ އުފާވެރި އަދި ޢާއިލީ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ދަޢުވަތު އެމްއޭސީއެލްގެ ފަރާތުން ހުރިހާ ރައްޔިތުންނަށް ވަނީ އަރުވާފައެވެ.




