ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލޭންޑް ޑިވަލޮޕްމެންޓް ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ އުތުރު އެމެރިކާ ގައި އޮންނަ އެންޓިގުއާ އެންޑް ބާބިއުޑާ އަށް ފުރާ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މި ހިނގާ މޭ މަހުގެ 27 އިން 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ ސިޑްސް ކޮންފަރެންސް ގެ މި އަހަރުގެ ޝިއާރަކީ ”ޗާޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އޮއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ކޮންމެ 10 އަހަރަކުން އެއްފަހަރު އދ. އިން ކުރިއަށްގެންދާ ސިޑްސްގައި މިއަހަރު ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެން ޤައުމީ ތަޤުރީރު އިއްވެވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އަދި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދެއްވުމަށް އެދޭކަންކަމަށް އަލިއަޅުވާލައްވައި ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވިއެވެ.
ރައީސް ޑރ. މުއިއްޒު އާއި އެކު ސިޑްސް ކޮންފަރެންސްގައި ބައިވެރިވެލައްވާ ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ތިމާވެއްޓާއި ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް އާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ގެ އިތުރުން އެޗްޑީސީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަ ކުރެއްވިއެވެ.



