މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ އަޑިއަށް ދަނިކޮށް، އެ އުޅަނދުން ދަތުރުކުރި 25 މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 17:30 ހާއިރު މާލެއިން ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ ”ރިލެކްސް އައިޝާ“ ނަމަކަށް ކިޔާ ލޯންޗު ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާއެކު ގެނެވިފައިވާ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ހުރިތޯ ބެލުމަށް ފުލުހުން އިރުޝާދު ދެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެއެވެ.
މީގެ ތެރެއިން ވެސް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށް އެ އިދާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.




