ސައުދީ އަރަބިއްޔާއަށް މިދުވަސްވަރު ހޫނު ގަދަ ނަމަވެސް، ޖުމްލަ ގޮތެއްގައި ދިވެހި ހުރިހާ ހާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް ވިދާޅުވީ، މައްކާ ގަޑިން ރޭ ފަތިހު 5:00 ގައި ހުރިހާ ހައްޖުވެރިން މިނާގެ ޓެންޓްތަކަށް ވަދެ ނިމިފައިވާ ކަމަށެވެ.
މިނާއަށް ދިވެހި ހައްޖުވެރިން އައިއިރު، ފުރިހަމަ ކުރަން ބޭނުންވި ހުރިހާ އިންތިޒާމުތަކެއް ފުރިހަމަވެފައިވާކަން ޝަކީލް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، މިނާގައި ތިބި ހައްޖުވެރިން މައްކާ ގަޑިން މިރޭ 9:00 ގައި އަރަފާތަށް ދިއުމަށް ދަތުރު ފަށާނެ ކަމަށް ވެސް ޝަކީލް މައުލޫމާތު ދެއްވިއެވެ.
”ޖުމްލަ ގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅު. އަދި އަޅުގަނޑު ދުއާއަކީ ވެސް އަދި އެދޭ ގޮތަކީ ވެސް މިއަހަރު ދިވެހި ރާއްޖޭން ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާއަށް އައިސް ތިބި ހުރިހާ ހައްޖުވެރިން، ﷲ ގެ ތަނަވަސް ރަހުމަތުން މަބްރޫރު ހައްޖެއް މިންވަރު ކުރެއްވުން،“ ޝަކީލް ވިދާޅުވިއެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ހައްޖުގެ ދުވަސްތަކުގައި މައްކާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާނެއެވެ.



