މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި ހުރިހާ ޙާޖީން މިވަގުތު ތިބީ ޢަރަފާތު ބިމުގައެވެ.
ޙައްޖުވެރިން އަރަފާތަށް އައުމަށް މިނާއިން ދަތުރުފެށީ ރާއްޖެ ގަޑިން ރޭ 11:00 ގައެވެ.
ދިވެހި ޙައްޖުވެރިން އަރަފާތަށް ގެނައުމަށް ޖުމްލަ 22 ބަސް ބޭނުންކޮށްފައިވާއިރު، އެންމެ ފަހު ބަހުގެ ޙާޖީންނަށް އަރަފާތަށް އާދެވިފައިވަނީ ރާއްޖެ ގަޑިން މިއަދު ފަތިހު 05:00 ހާއިރުއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވީ، އެންމެ ޙާޖީއެއް ފިޔަވައި ހުރިހާ ދިވެހިން މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ޢަރަފާތަށް ނުދެވި މަޑުކުރަން ޖެހުނު ހަމައެކަނި ޙާޖީއަށް މިވަގުތު ދަނީ މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ނަމަވެސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއެކު އެ ޙާޖީވެސް ޢަރަފާތަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޖުމްލަކޮށް ހުރިހާ ޙާޖީންގެ ޙާލުވެސް ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.
ޢަރަފާތުގައި ތިބި ދިވެހި ޙާޖީންނަށް ބޭނުންވާ ކެއިންބުއިމާއި އެހެނިހެން ޚިދުމަތްތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.
ޙައްޖުވެރިން މިއަދުގެ އިރު އޮއްސުމާ ހަމައަށް ޢަރަފާތުގެ މަޝާއިރުގައި އަޅުކަމުގައި މަޝްޢޫލުވެ ތިބޭނެއެވެ. ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން އިރު އޮއްސުމާ ހަމައަށެވެ.
މިއަދު އިރު އޮއްސުމުން ޙައްޖުވެރިން ޢަރަފާތުން މުޒްދަލިފާއަށް ދިއުމަށް ދަތުރު ފަށާނެއެވެ. އަދި މާދަމާ މިނާއަށް ގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކުމާއި އެހެނިހެން ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލުވެ، އިޙްރާމް ކަނޑާނެއެވެ.




