މި އަހަރު އަރަފާތު ދުވަހުގެ ހުތުބާ ދެއްވާނީ، އައްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީ ކަމަށާއި، މާދަމާ އަޟްހާ އީދުގެ ހުތުބާ ދެއްވާނީ އެމަނިކުފާނުގެ ދަރިކަލުން އައްޝައިޚް އަޙްމަދު އަލްޙުޛައިފީ ކަމުގައި ހަމަޖައްސައިފިއެވެ.
ޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީއަކީ މުޅި އިސްލާމީ ދުނިޔެ އިހުތިރާމްކުރާ ބޮޑު އިލްމުވެރިއެކެވެ. ޝައިހް އަކީ 1979 ވަނަ އަހަރުން ފެށިގެން މަސްޖިދުއްނަބަވީގެ އިމާމްކަމާއި ޚަޠީބުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން މަސްޖިދުލް ޙަރަމްގެ އިމާމްކަންވެސް ޝައިހް ވަނީ ކުރައްވާފައެވެ.
މާދަމާގެ އީދު ހުތުބާ ދެއްވާ ދަރިކަލުން އައްޝައިޚް އަޙްމަދު އަލްޙުޛައިފީއަކީވެސް މަސްޖިދުއްނަބަވީގެ ޚަޠީބެއްގެ އިތުރުން ސައުދީ އަރަބިއްޔާގެ އިސް އިލްމުވެރިއެކެވެ.
މިއަދު އިއްވާ އަރަފާތު ދުވަހުގެ ހުތުބާއަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ނުހަނު މުހިންމު މެސެޖެކެވެ. މި ހުތުބާގައި ބޮޑަށް އަލިއަޅުވާލާނީ އަރަފާތު ދުވަހުގެ މަތިވެރިކަމާއި، ފާފަ ފުއްސެވުމަށް އެދި ދެންނެވުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މީގެ އިތުރުން މީގެ 1400 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ކީރިތި ރަސޫލާ ﷺ އަރަފާތް ބިމުގައި ހުންނަވައި ދެއްވި ވަދާއުގެ ހުތުބާގެ ހަނދާންތައް މި ހުތުބާގައި އައުކުރާނެއެވެ.
އަރަފާތު ބިމުގައި މިއަދު އިއްވާ ހުތުބާއަށްފަހު، މާތް ﷲ އަށް ދުއާ ދެންނެވުމުގައި އިރުއޮއްސެންދެން ހައްޖުވެރިން އަރަފާތު ބިމުގައި މަޑުކުރާނެއެވެ.



