އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ދިވްޔަންކާ ޓްރިޕްތީއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެއެވެ.
އޭނާ ވިހޭކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލިބުނީ ދެ ފިރިހެން ކުދިން ކަމަށެވެ.
ބަލިވެއިންތާ މަސްތަކެއް ފަހުން، ދިވްޔަންކާ މަޔަކަށްވާން އުޅޭކަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާ ވިހޭ ޚަބަރު އިއުލާންކުރުމާ އެކު، ފިލްމީ ދާއިރާގެ ގިނަ ބަޔަކާއި ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ދިވްޔަންކާ މަޔަކަށްވެފައި މި ވަނީ ކައިވެނިކުރިތާ 10 އަހަރު ފަހުންނެވެ. އުމުރުން 41 އަހަރުގެ ދިވްޔަންކާ އާއި އެކްޓަރު ވިވެކް ދަހިޔާ ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ. މިއީ މި ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިންނެވެ.
ދިވްޔަންކާ އަކީ އިންޑިއާގެ ޓީވީ ސިލްސިލާތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާއެކެވެ. އެގޮތުން އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ސިލްސިލާތަކުގެ ތެރޭގައި ’ޔޭ ހޭ މުހައްބަތޭ’، ’ބަނޫ މޭ ތޭރީ ދުލްހަން‘ އަދި ’ތޭރީ މޭރީ ލަވް ސްޓޯރީ‘ ހިމެނެ އެވެ.




