ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުޅިން އައު ދެ ޖެނެރޭޓަރު ގެނެސް، ދެ ރަށަކަށް ފޮނުވައިފިއެވެ.
ފެނަކައިން ބުނީ، ގެނައީ 400 ކިލޯވޯޓުގެ ދެ ޖެންސެޓް ކަމަށެވެ. އެ ޖެންސެޓްތައް ފޮނުވާފައިވާ ރަށްތަކަކީ:
ފ.މަގޫދޫ
ރ. އިންނަމާދޫ
އެ ދެ ޖެންސެޓް އިއްޔެގެ ވަގުތެއްގައި އެ ރަށްރަށަށް ގެންދެވި މިހާރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަދުގެ ނިޔަލަށް އިންސްޓޯލްކޮށް ނިންމާ، ހިދުމަތަށް ގެނައުމުގެ ތައްޔާރީތައް މިހާރުދަނީ ވަމުން ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ، މަގޫދޫގައި މި ވަގުތު ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ 400 ކިލޯވޮޓް އަދި 150ކިލޯވޯޓުގެ ޖެންސެޓަކުން ކަމަށެވެ. ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރި އެރަށަށް، އިތުރުކުރެވޭ ކެޕޭސިޓީއާއެކު، ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށްވެސް ފެނަކަ އިން ބުނެފައިވެއެވެ.
އިންނަމާދޫގައި މިވަގުތު ހިދުމަތް ދެމުންދާ ތިން ޖެންސެޓް ހުރިއިރު، އިންސްޓޯލްޑް ކެޕެސިޓީއަކީ ޖުމްލަ 1000 ކިލޯވޮޓެވެ.
ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ހުރި ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ބޭނުންކުރަން ޖެހޭއިރު، މިއިތުރު ކުރެވުނު ޖެންސެޓާއެކު، ކަރަންޓުގެ ހިދުމަތަށް ބުރޫ ނާރައި، ރަަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަަށް ފެނަކައިން ބުންޏެވެ.




