އައްޑޫ ސިޓީ ގަމަށް ރޭ ތާވަލުކުރި ފްލައިޓް ކެންސަލް ކުރަން ޖެހުނީ ދަތުރުގައި ބޭނުންކުރަން އޮތް ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
މޯލްޑިވިއަނުން ކެންސަލްކުރީ ރޭ ދަންވަރު 1:10 އަށް މާލެ-ގަން އަށް ތާވަލުކުރި ފްލައިޓެވެ. ފްލައިޓް ކެންސަލްކުރީ އެދަތުރަށް ބޭނުންކުރަން ހަމަޖެހިފައި އޮތް އޭ320 އަށް ދިމާވި ޓެކްނިކަލް މައްސަލަޔަކާއި ގުޅިގެންނެވެ. އެ މައްސަލަ ހައްލުކުރުމަށް މޯލްޑިވިއަންގެ ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް، މުހައްމަދު ނަސީރު ވިދާޅުވީ، ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ ކެންސަލްކުރި ފްލައިޓުން ދަތުރުކުރަން ޓިކެޓް ނެގި ފަސިންޖަރުންނަށް އެހެން ފްލައިޓްތަކުން ޖާގަ ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ރޭގެ ފްލައިޓް ކެންސަލްވި ނަމަވެސް، އާދައިގެ މަތިން މާލެ-ގަން-މާލެ ރޫޓްގެ ދަތުރުތައް ޝެޑިއުލްއާ އެއްގޮތަށް އޮޕަރޭޓް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިއަދު ގަމަށް 2 ފްލައިޓެއް ތާވަލްކޮށްފައިވާއިރު މެންދުރު 02:20 އަށް ތާވަލުކުރި ފްލައިޓް ގަޑިއަށް ދަތުރު ފަށާފައިވާކަމަށާއި، މިރޭ 07:00 ޖަހާއިރަށް ތާވާލުކުރެވިފައި އޮތް ފްލައިޓްވެސް ޝެޑިއުލްއާ އެއްގަޮަތަށް ދަތުރުކުރާނެކަމަށް ނަސީރު ވިދާޅުވި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ލ. ކައްދޫ އެއާޕޯޓަށް ރޭ 10:35ގައި ފުރި ފްލައިޓް މޫސުން ގޯސްވެ، ކައްދޫ އެއާޕޯޓުގައި ނުޖެއްސިގެން އަނބުރާ މާލެ އައިސް ވީއައިއޭގައި ޖައްސާފައި ވެއެވެ. މޯލްޑިވިއަންގެ ފްލައިޓް ޑީކިޔޫއޭ 2168 ވަރަށް ގިނައިރު ކައްދޫގެ ދެކުނުން ކަނޑުގެ ސަރަހައްދުގައި ބުރުޖަހާފައިވެސް، ކައްދޫގައި ނުޖެއްސިގެން ފްލައިޓް އަނބުރާ މާލެއަށް އައިސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ ރޭ ދަންވަރު 00:32 ހާއިރު އެވެ.


