އަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.
އަދި އެމަނިކުފާނާ އެކުގައި، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައްޔިތުންވެސް، އެޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށާ، އަޚްވަންތަ ރައްޔިތުންނަށް މިއުފާވެރި މުނާސަބަތުގެ ހެޔޮއެދުމާ ތަހުނިޔާ ފޮނުއްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
މި ޢީދާ ގުޅިފައިވާ ރޫޙާނީ މުހިއްމު ކަމުގެ މައްޗަށް ބައްލަވާ ލައްވައި، ޢީދާއެކުގައިވާ، އަޅުކަމުގެ އަގުތަކާ، ޤުރްބާން ކުރުމާ، އެއްބައިވަންތަކަމާ އަދި ރަޙްމަތުގެ ސަބަބުން، މުސްލިމު އުއްމަތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސް ވަނީ، މި މަތިވެރި މުނާސަބަތުގެ ސަބަބުން، ދުނިޔޭގެ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކުގެ ޙާލަތު ދެނެގަތުމާ، އަޅާލުމާ، އަދި އެއްބައިވަންތަކަން ބަދަހިވެގެން ދިޔުމަށާ، ޙައްޖުގެ އަޅުކަން އަދާކުރަމުން ގެންދަވާ އެންމެހާ ޙައްޖާޖީންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން، އަމާންކަމާއި ސަލާމަތްކަން ދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.
މެސެޖުތައް ނިންމަވާލައްވަމުން، ރައީސް ވަނީ، ޤައުމުތަކުގެ ލީޑަރުންނަށް، ދުޅަހެޔޮ ޞިއްހަތަކަށާއި ފާގަތިކަމަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އަދި، މި މުނާސަބަތުގައި އެބޭފުޅުންނަށް، އިތުރު ކުރިއެރުމާއި، އުފާވެރިކަން މިންވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.




