ނިމިދިޔަ ހަފްތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގެ ޝިކާރައަށްވި އެކި މީހުންގެ އަތުން ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މޭ މަހުގެ 17 އިން ފެށިގެން 23 މެއި 2026 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ ޖުމްލަ 29 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލަތަކުގައި މީހުންގެ އަތުން ޖުމްލަ 598,467.44 ރުފިޔާ ގެއްލިފައިވެއެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން ކުރި މަސައްކަތުން މީގެ ތެރެއިން 255,710.99 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވިޔަފާރީގެ މައުލޫމާތާއި ވިއްކާ މުދާ ދިމާވޭތޯ ބެލުމަށާއި، ފިހާރަ ނުވަތަ ގުދަން ހުރިތަން ޔަގީންކުރުމަށްފަހު ”ކޭޝް އޮން ޑެލިވަަރީ“(ސީއޯޑީ) ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ޑޮލަރު މާރުކުރުމުގެ މައްސަލަތަކުގައި ހަ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ޑޮލަރު ގަންނައިރު ލައިސަންސް އޮތް ތަނެއްތޯ ބެލުމުގެ އިތުރުން، ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މުއާމަލާތް ކުރާއިރު އެއީ ސައްހަ ނަންބަރެއްތޯ ގުޅައިގެން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.
އަދި އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދުމުގެ ދެ މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ހިނގާފައެވެ.
ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އެކި ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކާ ”އޯޓީޕީ” ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ތަކުރާރުކޮށް ހަނދާންކޮށްދެއެވެ.
ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެއީ ކާކުކަން ޔަގީންކުރުމަކީ މިފަދަ ލަނޑުތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލެއްކަމަށް އެންޓި ސްކޭމް ސެންޓަރުން މައުލޫމާތުދެއެވެ.




