”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނުނު ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އަދަދު“ ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. ލީވާން ބަންދުކުރީ 10 ދުވަހަަށެވެ. އެ ދެ ނޫސްވެރިން ވެސް މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވެފައެވެ.
މިނިވަންވުމަށްފަހު ޝަހުޒާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއާއި ލީވާން ވަކިކޮށް އެކަހެރި ގޮޅިއަކަށްލީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. އަދި ޖަލު އޮފިސަރުން ކޮންމެ ރެއަކު ދަގަނޑު މުގުރާއި މަރުތޭލަ ހިފައިގެން ގޮޅިއަށް ވަދެ ބިރުދެއްކި ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ.
ނަމަވެސް، ހޯމް މިނިސްޓަރު އިހުސާން ވަނީ މި ވާހަކަތަކަކީ ”100 ޕަސެންޓް ދޮގު ވާހަކަ“ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ޝަހުޒާނާއި ލީވާންގެ އިތުރުން އެހެން ދެ މީހަކު ތިބި ގޮޅި ބަލާފާސްކުރިއިރު، ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނިފައިވެއެވެ. މިކަމާ ގުޅިގެން، ޖަލުގެ އުސޫލުތަކުގެ ދަށުން އެ ދެ މީހުން ވަކި ގޮޅިތަކަކަށް ބަދަލުކޮށް މޮނިޓާ ކުރަން ފެށީ ކަމަށް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.
”މިކަމާ ގުޅިގެން ޖަލުގެ އެހެން ގައިދީންނާ ވެސް މިފަދަ ކަންކަމުގައި އަމަލު ކުރާ ގޮތަށް މި ދެ މީހުން ވާނީ މޮނިޓާ ކުރެވޭ ގޮތަށް ވަކިން ދެ ގޮޅީގައި ބަންދުކުރެވިފައި. އަދި އެ ފަހުން މީގެ ކުރިން ވެސް ޖަލުގެ ކަންކަމުގައި އަމަލުކުރާ ފަދައިން އެ ގޮޅިތައް ވާނީ ވަކި އިންޓަވަލްތަކުގައި ބަލާފާސްކޮށްފައި،“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޖަލަށް ވެއްދުން މަނާ ތަކެތި ފެނުމުން އަމަލުކުރާ އުސޫލަކީ ވަކި މީހަކަށް ވީތީ ކުރާ ކަމެއް ނޫން ކަމަށެވެ.
އަދި ޖަލުގެ މިފަދަ އިދާރީ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ނުވަތަ އިރުޝާދު ދެއްވާ ކަންކަން ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




