ދޮގު ހަބަރު ފަތުރައި މީސްމީހުންގެ ބޮލުގައި ހަގީގަތެއް ނެތް އިލްޒާމުތައް އަޅުވައި އެމީހުންގެ އަބުރު ކަތިލަމުންދާ މީހުންނަކީ މުޖުތަމައުގައި ބަތަލުންގެ ގޮތުގައި ސިފަކުރުމަކީ އިސްލާމްދީނުގެ ނަޒަރަކުން ބަލާއިރު ހުއްދަވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިފަދައިން ވިދާޅުވީ ”އަދަދު“ ނޫހުން އާއްމުކުރި ވީޑިޔޯއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާމެދު ގަޒުފުކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެވީޑިޔޯގައި ހުރި ވާހަކަތައް ފެތުރުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެގެން ޖަލަށްލި އެ ނޫހުގެ ދެ ނޫސްވެރިން މިނިވަންވުމާއެކު އެމީހުންނަށް މަރުހަބާ ކިޔުމަށް މާލޭގައި ބޭއްވި ހަފުލާއަކަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ޒަމީރު ވިދާޅުވީ މީސްމީހުންގެ އަބުރަށް އަރައިގަނެ ދޮގު ހަބަރު ފަތުރާ މީހުންނަށް ބަތަލުންގެ ލަގަބު ދިނުމަކީ އިސްލާމްދީނުގެ ނަޒަރަކުން އެއްގޮތަކަށްވެސް ހުއްދަވާނެ ކަމެއް ނޫންކަމަށާއި، އެ ދީނުގައި ބާރުއަޅަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމަށެވެ. އަދި އަބުރަކީ އިސްލާމްދީނުގައި މުގައްދަސްވެގެންވާ ރައްކާތެރިކުރުން ލާޒިމު ކަމެއް ކަމުގައި ޒަމީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ދަލީލެއްގެ ގޮތުން ކީރިތި ރަސޫލާގެ ޙަދީސްބަސްފުޅެއް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
”ކޮންމެ މުސްލިމެއްގެ ލެޔާއި، މުދަލާއި، އަބުރަކީ އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވާ އެއްޗެއް“ ކަމަށް އެކަލޭގެފާނުގެ ވަދާޢީ ހައްޖުގެ ޚުޠުބާގައި ފާހަގަކުރެއްވި ލަފްޒުތައް ޒަމީރުގެ ޕޯސްޓުގައި ހިމަނުއްވާފައިވެއެވެ.
މީގެ އިތުރުން، އިސްލާމްދީނުގައި ދޮގު ހަބަރު ފެތުރުމަކީ ނުބައި އަމަލެއްގެ ގޮތުގައި ކަނޑައަޅާފައި އޮތްކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަކީ އިސްލާމީ ނަޒަރުގައި ބޮޑުވެގެންވާ ފާފަތަކެއް ކަމަށެވެ. އެފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދި، މީހުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ލޯބި ނެތިގެންދާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، ނުބައި އަމަލުތައް ހިންގާ މީހުންނަށް ބަތަލުންގެ ދަރަޖަ ދިނުމަކީ އެފަދަ ނުބައިކަންކަމަށް ހިތްވަރު ދިނުމާއި ވާގިވެރިވުން ކަމަށެވެ.
ކުށްވެރިން މުޖުތަމައުގައި މަތިވެރިކޮށް ދަރަޖަ އުފުލުމަކީ އިލާހީ ކޯފާ ހައްގުވާނެ ކަމެއްކަން ފާހަގަކުރައްވަމުން، މީހުންގެ އަބުރު ނަގައިލާ މީހުން ބަތަލުންނަށް ހެދުމުގެ ބަދަލުގައި، އެމީހުންގެ ނުބައިކަމުން މުޖުތަމައު ސަލާމަތްކުރަންޖެހޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.




