އެންމެ ލޯބިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ނޫނީ މަރުވެގެންދާން ބޭނުން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ފ. ބިލެއްދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ރަށުގެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ބައްދަލުވުމުގެ ތެރެއިން އެމްޑީޕީގެ މެމްބަރަކު ވަނީ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިނުގެންފިނަމަ ޕާޓީ ދޫކޮށް ދާނެތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އޭނާ ދެކޭ ގޮތުގައި ޗެއާޕާސަން އިންތިހާބުން އޭނާ މޮޅުވާނެ ކަމަށާއި، ބަލިވެއްޖެނަމަ މަޑުމަޑުން ގޭގައި ހުންނަވާނީ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް އިންތިހާބު ދިޔަޔަސް ޕާޓީއާއި ދުރަކަށް ނުދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑަށްވުރެ ބޮޑަށް ދެރަވާނެ މީހަކު ނުހުންނާނެ މި ޕާޓީއާއި ދުރަކަށް ދާކަށް. މިއީ އަޅުގަނޑުގެ މުޅި ހަޔާތް. އަޅުގަނޑުގެ ޒުވާން އުމުރު ދިޔައީ މި ޕާޓީއެއް ހަދަންވެގެން. އަޅުގަނޑަށް މި ޕާޓީ ހަދަން އުޅުމުގެ ތެރޭގައި ލިބުނުހާ އަނިޔާއާއި ގެއްލުން، އަޅުގަނޑު ހިތުން އެތައް ބަޔަކަށް އަނިޔާއާއި ގެއްލުން ލިބިފަވާނެ. އެހެން ނަމަވެސް އަޅުގަނޑަށް އެކަން ތަހައްމަލު ކުރަން ޖެހުނު މިންވަރު ވަރަށް ބޮޑު.“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އެތަކެއް ގުރުބާނީތަކެއްވެގެން ވޫޖޫދުކުރި ޕާޓީއެއް ކަމަށާއި، އެ ޕާޓީން ނެރެ އެއްލާނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ހަށިކޮޅުން މިހާރު ލޭ ކަނޑާލިޔަސް އަންނާނީ ރީނދޫ ލޭ ކަމަށް ސިފަކުރައްވަމުން، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ނޫނީ ދުނިޔެ ދޫކޮށްދާން ބޭނުންފުޅު ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ޕާޓީގެ ވަރުގަދަކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މީގެ ކުރިން އެމަނިކުފާނު ޕާޓީ ދޫކޮށްފައި ދިއުމުން ވެސް ޕާޓީ ރޫޅިގެން ގޮސްފައި ނުވާ ކަމަށެވެ.
މީގެ ސަބަބަކީ އެމްޑީޕީ އުފައްދާފައި އޮންނަނީ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ކަމަށްވާތީ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.




