އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާ ހިނގި ވ. އަތޮޅު އަލިމަތާ ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯއެއް މިރޭ އާންމުކުރުމަށް ނިންމައިފިއެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި ވީޑިއޯ ރާއްޖެ ގަޑިން މިރޭ 12:00 ގައި (އިޓަލީ ގަޑިން ރޭގަނޑު 8:00 ގައި) އެ ގައުމުގެ ޓީޖީ1 (TG1) މެދުވެރިކޮށް ދުރަށް ދައްކާނެ އެވެ.
މި ވީޑިއޯއަކީ ”ޑޭން ޔޫރަޕް ފައުންޑޭޝަން“ ގެ އެހީތެރިކަމާއެކު، މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފިންލޭންޑްގެ ރެސްކިއު ޓީމުން ކެމެރާކޮށްފައިވާ މަންޒަރުތަކެކެވެ. މިއީ މި ހާދިސާ ހިނގި އަނދިރި ހޮހަޅައިގެ އެތެރޭގެ މަންޒަރުތައް އާންމުންނަށް ފެންނާނެ ފުރަތަމަ ފަހަރެވެ.
މި މަސައްކަތުގައި އިސްކޮށް އުޅުނު ރެސްކިއު ޑައިވަރު ސާމީ ޕަކަރިނެން ބުނި ގޮތުގައި، ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ ޗާޓުތަކުގައި ފާހަގަކޮށްފައި ނެތް، އަދި ދާން ނުޖެހޭ ފަދަ ފުން ހިސާބަކުންނެވެ.
”ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް މި ހޮހަޅައިގެ ތެރެއަށް އެމީހުން ވަދެފައިވާކަން އެނގުނީ ވެލިގަނޑުގައި ހުރި ނިޝާންތަކަކުން،“ ސާމީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެ ހޮހަޅަ ރަނގަޅަށް މެޕްކުރުމަށް އަލުން ރާއްޖެ އަންނާނެ ކަމަށެވެ.
މި ހާދިސާގައި ޖުމްލަ ފަސް މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) އެވެ. މީގެ އިތުރުން ”ޑޫކް އޮފް ޔޯކް“ ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) ވެސް މި ހާދިސާގައި ވަނީ މަރުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ރޯމް ޕްރޮސެކިއުޓާސް އޮފީހުން މިހާރު ދަނީ މީހުން މަރުވުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބަލައި ތަހުގީގު ކުރަމުންނެވެ. އާއިލާގެ ވަކީލުން ބުނާ ގޮތުގައި އޮޓޮޕްސީ ރިޕޯޓުތަކުން މަރުވާން ދިމާވި ސީދާ ސަބަބު އަދި ކަށަވަރު ނުވާތީ، އިތުރު ތަހުލީލުތަކުގެ ނަތީޖާއަށް މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ.
މި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގެ ކަންކަން މިއަދުން ފެށިގެން ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ނިޔަލަށް އެކި ގަޑިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.


