ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވަކިކުރުމަށް ހުށަހެޅި ޤަރާރުގެ މައްސަލަ، އަންނަ އާދިއްތަ ދުވަހު ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމަށް ނާޠިމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ. މި ވަގުތު ދިނުމަށް ހަމަޖެހިފައިވަނީ ބަހުސް ފެށުމުގެ ކުރިންނެވެ.
މި ޤަރާރުގެ ބަހުސް ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވަނީ ޖުމްލަ އެއް ގަޑިއިރެވެ. މި ވަގުތުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ބަހުސްކުރެވިގެން ނުވާނެއެވެ. އަދި މިފަދަ ބަހުސެއް ހިނގާ ޖަލްސާއެއްގައި ބައިވެރިވެ، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ޙައްޤު އެ ބޭފުޅަކަށް ލިބިގެންވީ ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.
މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޤަރާރު ފާސްވުމުންނެވެ.




