މީހުން ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތުގައި ރާއްޖެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އެމްޑީ މޮންސެރް އަލީއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހު ނެރުނު މި އަމުރުގެ ދަށުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމްޑީ މޮންސެރް އަލީ ވަނީ އަނިޔާ ލިބުނު ކަމަށް ބުނާ މީހާއަށް ގެސްޓްހައުސްއެއްގައި ވަޒީފާ ދޭނެ ކަމަށް ބުނެ، ތިން މަސް ދުވަސް ވަންދެން އޭނާ ގެންގުޅެފައެވެ. ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ، އަނިޔާ ލިބުނު މީހާގެ މައްޗަށް މޮންސެރް އަލީގެ ބާރު އޮތުމުން، އޭނާގެ މައްޗަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް އޮތް ކަމަށް ފެންނަ ކަމަށެވެ.
މީގެ އިތުރުން، މޮންސެރް އަލީއަކީ އޭނާއަށް ހުއްދަ ދެވިފައިވާ މަސައްކަތުގެ ބޭރުން އެހެން މަސައްކަތްތަކެއް ކުރަމުންދާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އޭނާއަކީ ބިދޭސީއަކަށް ވާތީ، ރާއްޖެއިން ބޭރަށް ގޮސް ފިލުމުގެ ފުރުސަތު އޮތް ކަމަށް ބަލައި، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.




