ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ”ވޯލްޑް ޓްރެވަލް އެވޯޑްސް“ (ޑަބްލިޔުޓީއޭ) މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެ ހަފުލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މިއީ ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު މި އެވޯޑް ހަފުލާ ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި އެވޯޑަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ އިތުރުން އޯޝަނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ އެވޯޑެކެވެ. މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މިފަހަރުގެ އެވޯޑް ހަފުލާއާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވީ، މި ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީ ދުނިޔެއަށް ދައްކާލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
”މި އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް ބޮޑު މަގަކަށް ވެގެންދާނެ،“ ޝިއުރީ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ.



