ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މޭ 24 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިރޭ މާލެ ވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް، ނުވަތަ ދަތުރުފުޅުގެ ބޭނުމެއް ރައީސް އޮފީހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރު ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. އެ ނުރަސްމީ ދަތުރުފުޅުގައި ފަސް ދުވަސް ސިންގަޕޫރުގައި ހޭދަކުރެއްވިއެވެ.
މީގެއިތުރުން މިދިޔަ ޖުލައިގައި ރައީސް ވަނީ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.
އޭގެ ކުރިން، މޭ އަދި އޮގަސްޓް 2024 ގައި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. ރައީސްގެ ދެކަނބަލުން އެ ފަހަރު ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާއަށެވެ.


