ފެނަކައިގެ މުއައްޒަފުންގެ އޮނިގަނޑު އިސްލާހުކޮށް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވިސްނާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ ފެނައާ ހަވާލުވެ، މަސައްކަތްތައް ބަލާލިއިރު ކުންފުނީގެ ވަރަށް ގިނަ ކަންތައްތަކެއް ހުރީ އިސްލާހުކުރަން ޖެހިފައި ކަމަށެވެ.
އެގޮތުން އެ ކުފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތީގެ ވެސް އެކަށީގެންވާ ސްޓޮކް ނެތްކަން އަފީފް ފާހަގަކުރެއްވިއެވެ.
އަފީފް ވަނީ ފަނަކައިގެ ބައެއް ދާއިރާތަކުގައި މުއައްޒަފުންގެ އަދަދު ވެސް އެކަށީގެންވާ މިންވަރަށްވުރެ ގިނަކަމަށާއި ކުންފުނި ހިންގުމަށް އެންމެ ބޭނުންވާ މިންގަނޑަކީ ކޮބައިތޯ މިހާރު ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ކުންފުނީގެ އޮނިގަނޑު އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބަައިތޯއާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އެންމެ ރަނގަޅު އަދި އެންމެ އިތުބާރުހިފޭނެ ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
”މި މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނީ އަޅުގަނޑަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރިކަން. އެންމެ ފުރަތަމަ ކަމަކަށް ކުންފުނި ރައީޓް ސައިޒް ކުރުމުގެ މަސައްކަތް އެބަކުރަންޖެހޭ“ އަފީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގައި މިހާރު ވެސް 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ގިނަ އަދަދެއްގެ މުއައްޒަފުން މަސައްކަތްކުރާއިރު އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރާ މުއައްޒަފުންނާއި އެކަށޭނެ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ މުއައްޒަފުން ތިބޭނެކަމަށާއި އެ ކަންކަން ބަލައި އިސްލާހުކުރާނެކަން އަފީފް ވަނީ ފާހަގަކުރައްވާފައެވެ.




