ބޯޓު ފަހަރުތައް ތިލަފުއްޓަށް ބަނދަރުކޮށް، ހުސް ކޮންޓެއިނަރުތައް ބަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން އުފެދިފައިވާ ތޮއްޖެހުމާއި އޮޕަރޭޝަންތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، މި ވަގުތަށްވެސް ކުރެވޭނެ ކަންތައްތައް ދެނެގެނެ، ބަނދަރުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމްޕީއެލްއިން އަންނަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ.
އެގޮތުން އެމްޕީއެލްއިން ބުނީ، މި މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދެ މަހެއްހާ ދުވަސްތެރޭގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ތިލަފުށީގައި ”އެމްޕްޓީ ކޮންޓޭނަރ ޑީޕޯ“ ގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދުގައި ޤާއިމްކޮށްފައިވާ 60 މީޓަރުގެ ކީ ވޯލްއަށް ކޮންޓެއިނަރ އުފުލާ އުޅަނދުތައް ބަނދަރުކޮށް، ހުސް ކޮންޓެއިނަރ ލޯޑްކުރުމުގެ އޮޕަރޭޝަންތަކަށް އެ ސަރަހައްދު ބޭނުންކުރަން ފެށުން ކަމަށެވެ.
މި އާ އިންތިޒާމުގެ ދަށުން، ކޮންޓެއިނަރ އުފުލާ ބޯޓު ފަހަރު ތިލަފުށީގައި ބަނދަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ވަނީ ކާމިޔާބު ޓްރައިލްއެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)ގެ ”އެމްއެސްއެސް ގަލޭނާ“ ބޯޓު ކާމިޔާބުކަމާއެކު ތިލަފުއްޓަށް ބަނދަރުކޮށް، ހުސް ކޮންޓެއިނަރުތައް ބަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ބުންޏެވެ.
އެމްޕީއެލްއިން ބުނީ، މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓެއިނަރ އުފުލާ ބޯޓު ފަހަރުން ކޮންޓެއިނަރ ބޭލުމަށްފަހު، ގިނަ އުޅަނދުތައް އަނބުރާ ދާނީ ހުސް ކޮންޓެއިނަރ ބަރުކޮށްގެންކަމަށެވެ. އެހެންނަމަވެސް، ބަނދަރުގެ އޮޕަރޭޝަންތަކަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ކޮންޓެއިނަރ ލޯޑްކޮށްގެން، އުޅަނދުތައް އެނބުރި ދިއުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށެވެ. އެހެންކަމުން ތިލަފުށިން ކޮންޓެއިނަރ ލޯޑިންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ބަނދަރުގައި ބޯޓު ފަހަރު ހޭދަކުރާ މުއްދަތު ކުޑަކުރެވޭނެ ކަމެއްކަމަށެވެ. މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބޭނެކަމެއްކަމަށް ބުންޏެވެ.




