ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފައިވާ ލަފަޔާ ގުޅިގެން، އެކަމާ ގުޅޭ މަޝްވަރާތައް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މީގެ ކުރިން ސިނގިރޭޓްގެ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރީ ވޭޕް މަނާކުރުމާ ގުޅިގެން، ވޭޕް ބޭނުންކުރާ މީހުން ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް، ދުންފަތުން މީހުން ދުރުކުރުމަށް ބޭނުންކުރާ ޓެކްސް ރޭޓަކީ ހާލަތަށް ބަލައި ބަދަލުކުރަމުންދާ އެއްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ ޓެކްސް ރޭޓް އެޑްޖަސްޓް ކުރަނީ އެ ދިރާސާ ކުރާ ފަރާތްތަކުން އެ ދެއްވާ ފަންނީ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިހުސާން އިތުރަށް ވިދާޅުވީ ޑަބްލިއުއެޗްއޯގެ ރެކޮމެންޑޭޝަނަކީ 2026 ވަނަ އަހަރު ސިނގިރޭޓް ޑިއުޓީ 4 ރުފިޔާގައި ބެހެއްޓުން ކަމަށެވެ.
މި ބަދަލު ގެނައުމާ ގުޅޭގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމިއްޖެ ނަމަ، ގާނޫނަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



