ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިކަން މިނިސްޓަރު ހާމަކުރެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރަށް ހަރުދަނާކޮށް ބަލަމުންދާ ކަމަށާއި، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ދެނެގަނެ، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ. އަދި އަތުލައިގަންނަ ތަކެތީގެ މިންވަރު އިތުރުވުމަކީ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
”ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް އެބަދޭ. ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ. އޭރަށް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހާރު ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެކުރާ ކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެ“. މިނިސްޓަރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ ހުރިހާ އިދާރާތަކެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުމަކީ އެންމެ މުހިންމު އެއް ނިންމެވުމެވެ. މީގެ އިތުރުން ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ތަކެތި ދެނެގަތުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މީގެކުރިން ވައިގެމަގުން އެތެރެކުރާ ޕެކޭޖުތައް ރެންޑަމްކޮށް ސްކްރީން ކުރި ނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ދަނީ ސްކޭން ކުރަމުންނެވެ.
މި ފިޔަވަޅުތަކާއެކު ބޮޑެތި ކާމިޔާބީތަކެއް ހާސިލްވަމުންދާއިރު، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 1,294 ކިލޯގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ.



