ބެލެނިވެރިންނަކީ ހަރުދަނާ އާއިލާއަކާއި އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ އަސްލު ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ، ދަރިން ބޮޑުކުރުމުގައި ލޯތްބާއި ކެތްތެރިކަމާއެކު ބެލެނިވެރިން ކުރާ ބުރަ މަސައްކަތާއި ވެވަޑައިގަންނަވާ ގުރުބާނީގެ އަގު ވަޒަންކުރައްވާ ކަމަށެވެ.
އަދި ބެލެނިވެރިންގެ އެ ދެގޮތެއްނުވާ ހިތްވަރަކީ މުޅި މުޖުތަމައުގެ ބަދަހިކަމުގެ ސިއްރު ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ދިވެހި މުޖުތަމައުގެ ބަދަހިކަން ގުޅިފައިވަނީ އާއިލީ ވަރުގަދަ ގުޅުންތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ކޮންމެ ކުއްޖަކަށްވެސް ލޯތްބާއި ރައްކާތެރިކަން ލިބޭނެ ފަދަ މާހައުލެއް ކަށަވަރުކޮށްދީ، އެކުދިންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދަރިންނަށް ހެޔޮ ތަރުބިއްޔަތު ދިނުމުގައި ބެލެނިވެރިން ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރުމެވެ.



