މިދިޔަ މެއި މަހުގެ ތެރޭގައި މަސްވެރިން ބޭނި މަހަށް 31 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ ކުންފުންޏަށް 693 ދޯންޏަކުން 1،791 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
މިފްކޯއިން ބުނިގޮތުގައި މެއި މަހު ކިރުވި މަހަށް ޖުމްލަ 31،081،853 ރުފިޔާ ވަނީ ދޫކޮށްފައެވެ. ނަމަވެސް، އެޕްރީލް މަހާ އަޅާބަލާއިރު މިދިޔަ މަހު މަސް ކިރުވި މިންވަރު ވަނީ ދަށްވެފައެވެ. އެޕްރީލް މަހު 1،068 ދޯންޏަކުން 4،414 ޓަނުގެ މަސް ކިރުވާފައިވެއެވެ.
މިފްކޯއަށް މަސް ކިރުވި މިންވަރު ދަށްވެފައިވާއިރު، މިދިޔަ މަހުގެ 10 ގައި ރާއްޖޭގެ ސަރަހައްދަށް ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު ޢީދު ބަންދާއި ދިމާވުމުން މެއި މަހު މަހަށް ނިކުތް ދޯނިފަހަރުގެ އަދަދު ވަނީ މަދުވެފައެވެ..
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން 367 ދޯންޏަކުން 1،708.9 ޓަނުގެ ކަޅުބިލަމަސް ކިރުވައި، އެއަށް 29،063،153 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ކަންނެލީގެ 6.9 ޓަނަށް 138,000 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލީގެ 75.2 ޓަނަށް 1،880،700 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މި ދާއިރާ ހެދުމެވެ. މިހާރު މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާއިރު، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 9 ސަރަހައްދަކުން މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އަންނަ ބަދަލުތަކުން މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 19 އާ ހަމައަށް މަސްވެރިންނަށް 2.5 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ވަނީ ދޫކޮށްފައެވެ.
ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ހާލަތުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ދަތިނުވާނެހެން ކަންކަން އިންތިޒާމުކޮށް، މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



