ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި އިއުލާނާ ގުޅިގެން، އއ. ތޮއްޑޫގައި ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދިވެހިންނަކީ ހުރިހާ މާނައެއްގައި ވެސް އަމަލީ ގޮތުން އިސްލާމްދީނާއި ގާނޫނުއަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި ހުރިހާ ކަމެއްގައި ވެސް އަމަލީ ގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ މައިދާނުގައި އުޅޭއިރު، ނަމާދު ގަޑި ޖެހިގެން ނިމިގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ގަސްދުގައި ނޫން ނަމަވެސް އެއީ މިހާރު ކަންކަން އޮންނަ ގޮތް ކަމަށް ވިދާޅުވެ، މިކަން އިސްލާހު ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މި އިރުޝާދާ ގުޅިގެން ތޮއްޑޫ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ، ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ހުރިހާ ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓުގެ މުއްދަތެއް ހިމެނެއެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން 20:00 އާ ދެމެދު އަދި ހުކުރު ދުވަހު ހެނދުނު 10:30 އިން ފެށިގެން މެންދުރު 14:00 އާ ދެމެދު ކުޅިވަރު ކުޅޭ ހުރިހާ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ތޮއްޑޫ ކައުންސިލުން އިތުރަށް ބުނީ، މިކަން ބެލެހެއްޓުމަށްވެސް ވަކިން ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.




