އެމްޑީޕީ ދޫކުރައްވައި، ދެން ވަޑައިނުގަންނަވާނެ ކަމަށާއި، ކަނޑާލިޔަސް އަންނާނީ ރީނދޫ ލޭ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫގައި މިއަދު ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، 2023 ވަނަ އަހަރު އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި، ޕާޓީއާ ދުރުގައި ހުންނެވި ދުވަސްވަރު ވެސް އަބަދުވެސް ބެއްލެވުނީ ޕާޓީގެ ކަންތައްތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮމަންޑޫ ހަރުގެއަކީ އެންމެ ފުރަތަމަ އުފެދުނު ހަރުގެތަކުގެ ތެރެއިން އެއް ތަންކަން ފާހަގަކުރައްވައި، އެއީ އެމަނިކުފާނުގެ ގެ ފަދަ ތަނެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އެމްޑީޕީއަކީ ހަމައެކަނި ސިޔާސީ ޕާޓީއެއް ނޫން ކަމަށާއި، އެއީ ފިކުރެއް އަދި ފަލްސަފާއެއް ކަމަށާއި، އެ ފިކުރާއި ފަލްސަފާ ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމަށް ތާއީދުކުރާ ފަރާތްތަކުން، ނަޝީދު ކުރިން ޕާޓީ ދޫކޮށް ވަޑައިގެން އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރެއްވި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވުމުން، ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އެ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވަކި ކެންޑިޑޭޓަކު ނެރެ، އެމްޑީޕީއާ ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ތެރޭގައެވެ.



