ފެނަކަ ”ރައިޓް ސައިޒް“ ކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުވައްޒަފުން މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރަ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާއިން ކެނޑުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އެކަން އަންގައި، އިއްޔެ ނެރުނު މެމޯއެއް ވަނީ އާންމުވެފައެވެ.
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު ހުސައިން އުސައިދު ސޮއިކޮށް ނެރުނު އެ މެމޯގައި ބުނެފައިވަނީ މުވައްޒަފަކު އެެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ ނަމަ، 4 މަހުގެ މުސާރަ ލިބޭނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 14 ޖޫންގެ މެންދުރުފަހު 3 ޖެހުމާހަމައަށެވެ. އަދި އަމިއްލައަށް ކެނޑެން ބޭނުންވާ މުވައްޒަފުން އެކަން ލިޔުމުން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހަޅަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ފެނަކައިގެ ”މުވައްޒަފުންގެ ގަވާއިދު 2022“ ގެ އެކި މާއްދާތަކާ ހަވާލާދީ، ”އަރލީ ރިޓަޔަމަންޓް ޕްރޮގްރާމް“ ގެ ދަށުން އެ ކުންފުނީގެ ވަޒީފާއިން ރިޓަޔާވާން ބޭނުންވާ މުވައްޒަފުން ވެސް އެކަން ލިޔުމުން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހަޅަން އެ މެމޯގައި ވަނީ އަންގާފައެވެ.
ފެނަކައިގެ އާމްދަނީއާ ނުބައްދަލުވާ މިންވަރަށް ވަޒީފާ ދިނުމާއި އުސޫލުން ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މީގެ ކުރިން ނެރުނު އޮޑިޓް ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވެއެވެ.




