މަސްވެރިންނަށް ޚާއްސަ އަގުގައި ދޫކުރާ ތެޔޮ ގދ. ތިނަދޫން މިހާރު ލިބޭނެކަަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ.
ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތަށް ލޮޅުން ނާންނަގޮތަށް ކުރިއަށް ގެންދިއުމެވެ. މި މަޤުޞަދުގައި، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ފުޅާކޮށްފައެވެ.
މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ ކުރިން އެންމެ 4 ސަރަހައްދަކުންނެވެ. އެހެންނަމަވެސް މިހާރު އިތުރު 11 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެންމެ ފަހުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ގދ. ތިނަދޫންނެވެ. މި ބަދަލާއެކު މިހާރު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވަނީ ހަމައެކަނި ރ. އަތޮޅާއި ތ. އަތޮޅުގައެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭ ސަރަޙައްދުތައް:
* ހއ. އިހަވަންދޫ
* ހދ. ހަނިމާދޫ
* ށ. މިލަންދޫ
* ރ. ދުވާފަރު
* ބ. އޭދަފުށި
* ޅ. ފެލިވަރު
* ކ. ހިންމަފުށި
* ފ. ނިލަންދު
* ދ. ކުޑަހުވަދޫ
* ދ. މީދޫ
* ގދ. ތިނަދޫ
* ގއ. ކޫއްޑޫ
* ފުވައްމުލައް ސިޓީ
* ސ. ހުޅުމީދޫ
* ހުޅުމާލެ ޖެޓީ
ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ތެޔޮ ދޫކުރާ މިންވަރު ވަނީ ކަނޑައަޅާފައެވެ.
އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯ މެދުވެރިކޮށް ދޫކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.




