ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކު، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދައިގައި ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށް ވެސް އެ ސްކީމުން އެހީ ދޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އާސަންދަ ސްކީމްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށް އާސަންދަ ދޭނީ ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
މިކަމާ ގުޅޭގޮތުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، މިއީ މުޅިން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި، މީގެ ކުރިންވެސް ހާއްސަ ހާލަތްތަކުގައި ރާއްޖެއިން ފަރުވާ ލިބޭ ކަންކަމުގައި ބޭރަށް ފޮނުވާފައިވާ ކަމަށެވެ.
”މިއީ އާކަމެއް ނޫން އަޅުގަނޑުމެން ކުރިންވެސް ހަމަ އާސަންދަ ސްކީމްގެ ތެރެއިން ފޮނުވަން، މައިބަދައިގެ އޮޕަރޭޝަނެއް ދެފަހަރު ތިން ފަހަރުކޮށްފައި ފެއިލްވެފައި ހުންނަ ކޭސްތަކުގައި ޑޮކްޓަރުން ރެކޮމަންޑުކުރީމައި އެބަ ވިދާޅުވޭ ބޭރަށް ދާން. މިފަދަ ހަލާތެއްގައި އެއީ ރާއްޖެއިން ކުރެވޭ ކަމަކަށްވިއަސް އާސަންދަ ސްކީމްގެ ތެރެއިން ފޮނުވާނެ“ ޒީނިޔާ ވިދާޅުވިއެވެ.
އާ ގަވާއިދުގެ ދަށުން، ރާއްޖޭގައި ފަރުވާ ލިބެން ހުރި ނަމަވެސް ބޭރަށް ފޮނުވޭނީ އާސަންދަ ސްކީމްގައި އެމްޕެނަލް ވެފައިވާ ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އަދި އެ ފަރުވާއަކީ އާސަންދައިގައި ރަޖިސްޓްރީ ކޮށްފައި ނުވާ ހިދުމަތަކަށް ވިޔަސް، ބަލިމީހާގެ ހާލަތަށް ބަލައި އެހީ ދެވޭނެއެވެ. ނަމަވެސް، ރާއްޖޭގައި ފަރުވާ ކުރެވޭ ހުރިހާ ބައްޔަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ނުފޮނުވާނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.
މީގެ އިތުރުން، ބަލިމީހުން ރިފަރ ކުރުމުގެ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ރިފަރ ކުރެވެނީ ހަމައެކަނި އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރުން ތިބޭ މަރުކަޒުތަކުން ކަމަށްވީ ނަމަވެސް، އާ ބަދަލާއެކު އެ އަތޮޅެއްގައި ނުވަތަ ރަށެއްގައި ހާއްސަ ޑޮކްޓަރެއް ނެތް ހާލަތެއްގައި، ކުންފުނިން ހުއްދަދޭ ޑޮކްޓަރަކަށްވެސް ބަލިމީހާ ރިފަރ ކުރުމުގެ ހުއްދަ ދެވޭނެއެވެ.



