ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން އިސްނަގައިގެން ބާއްވާ ދިވެހި ރުއް އިންދުމުގެ ގައުމީ ހަރަކާތެއް ހުޅުމާލެ ފޭސް 2 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ހަރަކާތަކީ ދުނިޔޭގެ ތިމާވެށި ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިގެން ކުރިއަށްދާ ބައިނަލްއަގްވާމީ ފެންވަރުގެ ހަރަކާތެއް ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.
މި ހަރަކާތް ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 17:30 އަށް ހުޅުމާލެ ފޭސް 2 ގެ ހުސް ބިމެއްގައެވެ. ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސްއިން ބުނި ގޮތުގައި، މި ހަރަކާތުގެ މައުލޫމާތު މިހާރު ވަނީ ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީއާ ހިއްސާކުރެވިފައެވެ. މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާކަން އެޗްސީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އެންވާޔަރަންމަންޓް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ އަދި ”5 މިލިއަން ގަސް“ ޕްރޮޖެކްޓް ކޮމެޓީ ހިމެނެއެވެ. މީގެއިތުރުން ހުޅުމާލޭގެ ފަސް ސްކޫލެއް ކަމަށްވާ ރެހެންދި ސްކޫލް، ޣާޒީ ސްކޫލް، ހުރަވީ ސްކޫލް، ސަލާޙުއްދީން ސްކޫލް އަދި ޝަހީދު އަލީ ސްކޫލުން މި ހަރަކާތުގައި ބައިވެރިވާނެއެވެ.
ސްކޫލްތަކުގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނާއި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ދަރިވަރުންނާއި މެންބަރުންވެސް މި ހަރަކާތުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެޗްސީއޭ އިން ބުނި ގޮތުގައި، މި ހަރަކާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އެކި މުއައްސަސާތަކުންވެސް ބައިވެރިވެއެވެ. އޭގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، އެގްރޯ ނެޓް، އުރީދޫ މޯލްޑިވްސް، އެޗް78، ބޮނަކުއާ، ޓާސްކިން އަދި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ.
މި އިވެންޓުގެ މައިގަނޑު ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޗްޑީސީ އާއި 5 މިލިއަން ގަސް ޕްރޮޖެކްޓް ކޮމެޓީއެވެ. ޑްރިންކްސް ޕާޓްނަރަކަށް ބޮނަކުއާ ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ އެސް.އެސް ޓީވީއެވެ.
އެޗްސީއޭ އިން ލަފާކުރާ ގޮތުގައި މި ހަރަކާތުގައި ސްކޫލްތަކާއި އެކި މުއައްސަސާތަކުން ޖުމުލަ 1000 އަށްވުރެ ގިނަ މީހުން އަމަލީ ގޮތުން ގަސް އިންދުމުގެ މަސައްކަތުގައި ބައިވެރިވާނެއެވެ.




