ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި ދަ ޑިމޮކްރެޓްސް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ބޭނުންވާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ، އެ ދެ ޕާޓީ މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
އަދި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ދަ ޑިމޮކްރެޓްސް އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގުޅުން ގޯސްވެ ނަޝީދުގެ ފެކްޝަންގެ މެންބަރުން އެ ޕާޓީން ވަކިވުމަށް ފަހު އެވެ. ނަމަވެސް ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ނަޝީދު މިހާރު ގެންދަަވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވަމުންނެވެ.
އެމްއެލްއެސްޑީޕީއަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އާއި މަޖިލީހުގެ މިހާރުގެ މެންބަރު މައުރޫފް ޒާކިރު އިސްވެ އުފައްދާފައިވ ޕާޓީއެކެވެ. މައުރޫފް ފަހުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ. އޭނާ ކެންދޫ ދާއިރާގެ މަޖިލީސް މެންބަރަކަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ.
އެ ޕާޓީން މިހާތަނަށް ސިޔާސީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެ ޕާޓީގެ އިފްތިތާހީ ޖަލްސާ ބާއްވާފައިވަނީ ޖޫން، 12 2019 ގައެވެ.



