ޔަހޫދީ ދައުލަތުގެ ހިމާޔަތް ދަށުގައި ތިބި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ޚުރުމަތް ކަނޑާލުމަށް ހިންގަމުންދާ އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔަހޫދީ ސިފައިންގެ ހިމާޔަތް ދީގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ސަރަހައްދަށް ވަދެގަނެ، އިސްރާއީލުގެ ދިދަ އުފުލައި، އެ މިސްކިތަށް ނަމާދުކުރާ މީހުން ވަނުން މަނާކޮށް ހުރަސްއަޅަމުންދާ ކަމަށެވެ.
މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މިފަދަ އަމަލުތަކަކީ އަޤްޞާ މިސްކިތުގެ މާތްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އަދި ތާރީޚީ އަދި ދީނީ މުހިންމުކަން ނަގާލުމަށް ގަސްތުގައި ހިންގާ ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ. އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް ޔަހޫދީ ދައުލަތުން އިހުތިރާމް ކުޑަކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ދިއުން ހުއްޓުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މި ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓްރީން ވަނީ ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ. އަދި އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ.
ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރުމުގައި އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.



