އުތުރުގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަަހު، އުތުރުގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެނގިފައިވާ ގޮތުގައި، ޖިންސީ ގޯނާ ކުރުމުގެ އިތުރުން، މި ކުޑަ ކުއްޖާއަށް ވަނީ މަސްތުވާތަކެތިވެސް ދީފައެވެ. މިކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ފުލުހުން މިމަހުގެ ވިހި ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެއެވެ. އަަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ކޯޓު އަމުރަކަށް ފުލުހުން އެދުނުކަން ކޮންމެވެސް ގޮތަކުން އެނގިގެން އެމީހާ ވަނީ ފިލާފައި ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ފުލުހުން އެ ކުއްޖާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންގެންދާ މައްސަލަތަކެއްކަން ހާމަކޮށް ފުލުހުން ބުނީ މި ފަދަ މައްސަލަތަކުގެ ތަހުގީގު ވަރަށް ސީރިޔަސް ކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.


