ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މެޓުން ބުނިގޮތުގައި، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.




