މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މީގެ ތެރެއިން ވިޔަފާރިތަކަށް ދޫކޮށްފައިވަނީ 147 މިލިއަން ޑޮލަރެވެ. އަދި ކާޑުގެ މުޢާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން ވިޔަފާރިތަކުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑުގެ މުއާމަލާތްތަކަށް މިއަހަރުގެ ފަސް މަސްދުވަހު އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް މަހަކު 47 މިލިއަން ޑޮލަރާ އަޅާބަލާއިރު %47 އިތުރު އަދަދެކެވެ.
ތަފްސީލީ ގޮތެއްގައި ބަލާއިރު، ވިޔަފާރިތަކުން މުދާ އެތެރެކުރުމަށްޓަކައި ޑޮލަރު ވިއްކި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު އެވްރެޖްކޮށް މަހަކު 15 މިލިއަން ޑޮލަރު ވިއްކި ނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު މި އަދަދު ވަނީ 29 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.
މީގެ އިތުރުން، ޑެބިޓް އަދި ކްރެޑިޓް ކާޑު މުޢާމަލާތްތަކަށް ވިއްކި އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ އެވްރެޖް 33 މިލިއަން ޑޮލަރުން، މިއަހަރު 40 މިލިއަން ޑޮލަރަށް (%21) އިތުރުވެފައެވެ. މިއަހަރުގެ މޭ މަހުގެ ނިޔަލަށް ބޭންކުން 45,764 ޓީޓީއަށް ޑޮލަރު ވިއްކާފައިވާއިރު، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން 3.1 މިލިއަން ޓްރާންސްކްޝަން ވަނީ ހަދައިފައެވެ.
ބީއެމްއެލް އިން އަބަދުވެސް އިސްކަންދެނީ ވިޔަފާރިތަކަށާއި އާންމު ފަރުދުންގެ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށެވެ. މޭ މަހުގެ ނިޔަލަށް ބޭންކުގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ %6.6 ގެ ޝޯޓް ޕޮޒިޝަނެއްގައެވެ.
މިއީ އެމްއެމްއޭގެ ގަވައިދުން ލާޒިމްކުރާ މިންގަނޑުގައި ހިފެހެއްޓިފައިވާ މިންވަރެއްކަމުގައި ވީނަމަވެސް، ބޭންކަށް ގަންނަން ލިބުނު ޑޮލަރަށްވުރެ 69 މިލިއަން ޑޮލަރުމިވަގުތަށް އިތުރަށް ވިއްކިފައިވާކަން މި ޕޮޒިޝަނުން ފާހަގަކޮށްދެއެވެ.



