މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ނޯތު ހާބަރުގައި އިމާރާތް ކޮށްފައިވާ ބައެއް ލޮޓުތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުގެ ލޮޓު ނަންބަރު 12، 13، 14، 15، 16 އަދި 17 އެވެ. މި ބިޑުގައި ބައިވެރިވާ ފަރާތްތަކަށް ވަކި ލޮޓަކަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
މި ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 11:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
މި މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ޖޫން މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން tender@port.mv އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.
ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އެމްޕީއެލް ހެޑް އޮފީހަށެވެ. ހުށަހަޅާ ޕްރޮޕޯސަލްތަކާއެކު އަގު ހުށަހަޅާ ފޯމާއި މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.




