މަސްތުވާތަކެތި ހުއްޓުވާ އިރު، ވޭޕް ކުރުންވެސް މަނާ ކުރަން ޖެހޭކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ރޭގައި ދާހިލީ ވުޒާރާއިން ނެރުނު އިލްތިމާސެއްގައި ބުނީ، ބައިނަލްއަގްވާމީ މާކެޓުގައި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ، ފެންޓަނީލް-ލޭސްޑް ޑްރަގްސް، ނުވަތަ ޗައިނާ ވައިޓް އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށެވެ.
މިއިލްތިމާސާއެކު އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. މުޙައްމަދު އަލީ ވިދާޅުވީ މި އިލްތިމާސާއެކު، ވިދާޅުވީ ބޮޑެތި އިންފެކްޝަންތަކާއެކު އެޑްމިޓް ކުރާ ބައެއް މީހުން ”ޗައިނާ ވައިޓް“ ބޭނުންކުރާކަމަށް އެއްބަސްވާކަމަށެވެ. ކަންމިހެން އޮތުމުން މަސްތުވާތަކެއްޗާ ދެކޮޅަށް މުހިންމު ފިޔަވަޅު ތަކެއް ނާޅައިފިނަމަ މަސައްކަތްތެރި އާބާދީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ޑރ. މުހައްމަދު ގެ އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
މި ވަބާގައި ޖީލެއް ހަލާކުވެ ނުދަނީސް މިކަމަށް ވިސްނުންތެރި ކަމާއެކު ފިޔަވަޅު އެޅުމަށްވެސް ޑރ މުހައްމަދު އަލީ ވަނީ ގޮވާލައްވާފައެވެ. އަދި އޭނާ ވިދާޅުވީ، ޑްރަގްސް ބޭނުން ކުރުން މަނާ ކުރާ ގޮތަށް ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންވެސް މަނާ ކުރަން ޖެހޭ ކަން ފާހަގަކުރައްވައި ޑރ މުހައްމަދު އަލީ ވަނީ ރާއްޖޭގެ މަސައްކަތު އާބާދީ ހަލާކުވެ ނެތިހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މިކަމާ ގުޅިގެން އެހެން ބައެއް ޑޮކްޓަރުންވެސް ވިދާޅުވެފައި ވަނީ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި އަވަސް އަދި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އާންމު ވަމުންދާ ޗައިނާ ވައިޓަކީ ނުރައްކާ ބޮޑު މަސްތުވާ އެއްޗެއް ކަމަށެވެ.
މިނިސްޓްރީން ރޭ ނެރުނު ކުރު އިއުލާނުގައި، ނެޝަނަލް ޑްރަގް އޭޖެންސީ އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވަނީ ބުނެފައެވެ.




