ރައްޔިތުންގެ ކަންބޮޑުވުންތަކާއި މުޖުތަމަޢުގެ މުހިންމު މައުޟޫޢުތަކަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ”ދަ ޕަލްސް“ ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް މިއަދު ފަށައިފިއެވެ.
ރައީސް އޮފީހުން ބުނޮގޮތުގައި މި ޕޮޑްކާސްޓަކީ ރައްޔިތުންގެ ވިންދާ ގުޅޭ ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅުތަކާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ތިމާވެށީގެ މައުޟޫޢަށް ޚާއްޞަކޮށްފައިވާއިރު، ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގެ ދަތިތަކާއި، ބިން ހިއްކުމުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން އާންމުން ފާޅުކުރި ޚިޔާލުތަކަށް ރައީސް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވީނަމަވެސް، ރާއްޖެއަކީ މިދާއިރާއިން ދުނިޔޭގައި ލީޑަރޝިޕް ނަގާނެ ޤައުމެކެވެ.
ތަރައްޤީއާއި ތިމާވެށި ހިމާޔަތްކުރުމަކީ ގުޅިލާމެހިފައިވާ ދެކަންތައްކަން ފާހަގަކުރައްވަމުން، ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ދަ ޕަލްސް“ ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންދަވަނީ ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަތީ ވަގުތު ނޫހުގެ ފަރާތުން ޔާމީން މުޙައްމަދެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، ”ދަ ޕަލްސް“އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫޢެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިގެންނެވެ.
އަދި ތަރުޖަމާނު ވަނީ މި ޕްރޮގްރާމަކީ، ރައީސް އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.




