ކ އަތޮޅު ފިހަޅޮހި ރިސޯޓުގައި، ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓު މިއަދު 11:30 ކަންހާއިރު ފުލުހުންނަށް ކޮށްފައިވާ ކަމަށެވެ.
ގެނބިގެން މަރުވެފައި ވަނީ 67 އަހަރުގެ ރަޝިޔާ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ހުޅަނގުމޫސުމުގެ ވިއްސާރަ ދުވަސްތަކަށް ވާތީ މިދުވަސްކޮޅު ދަތުރުފަތުރުކުރުމާއި މޫދަށް ފޭބުމާއި ފިނޮޅުތަކަށް ދަތުރުދިއުން ފަދަ ކަންތައްތައް ނުކުރުމަށާއި ކޮންމެހެން ކުރަންޖެހިގެން ކުރާ ދަތުރެއްގައިވެސް ސަމާލުވެ ރައްކާތެރިވެ ތިބުމަށް މޫސުމާ ބެހޭ އިދާރާއިންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.




