ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ މިއަދު ބޭއްވުނު ބައި އިލެކްޝަނާ އެކު ނިމުމަކަށް އައިސްފައިވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާއަކަށް އިޝާރާތްކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިއަދު ބޭއްވި ހިތަދޫ އުތުރު ބައި އިލެކްޝަން 62 ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާއި ވާދަކޮށްގެންނެވެ.
އިލެކްޝަން ކޮމިޝަންގެ ވަގުތީ ނަތީޖާއަށް ބަލާއިރު ސޯބެއަށް ލިބުނީ 1،375 ވޯޓެވެ. ސޮޑާއަށް ލިބިފައިވަނީ 1،313 ވޯޓެވެ.
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި، މުހައްމަދު ނަޝީދާއި، ފައްޔާޒު އިސްމާއިލާއި، އަބްދުﷲ ޝާހިދު އަދި އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ މުޅި ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައި ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި އެ ދާއިރާގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މުހައްމަދު އަސްލަމް ހިމެނޭހެން ކުރި މަސައްކަތުންވެސް އެމްޑީޕީއަށް ކާމިޔާބެއް ނުލިބުނުކަން ފަލާހު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ރައީސް ޔާމީން ތާއީދުކޮށްގެން ނުކުތް ނަމަވެސް، އައްޑޫގެ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރުކަން ކުރެއްވި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށްލާފައި ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ އެމްޑީޕީގެ ލީޑަރޝިޕް ފެއިލްވެ، އައްޑޫއާމެދު އިހުމާލުވެފައިވާކަން ރައްޔިތުން ހާމަކޮށްދިން ކަމެއް ކަމަށެވެ.
”ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!“ އައްޑޫގެ ރައްޔިތުން ބުނާ ކަހަލަ ކަމަށް ފަލާހު ލިޔުއްވާފައިވެއެވެ.
މިއަދު ބޭއްވުނު އިންތިޚާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވިއެވެ.
ފަލާހުގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު އަންނައިރު އައްޑޫ ވެގެންދާނީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ކަމަށެވެ.



