ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ކެއިންބުއިމުގައި ރައްކާތެރި، ދުޅަހެޔޮ، ތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެންނަންޖެހޭ ކަމަށެވެ.
އެގޮތުން ކަބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނ ބަލިތަކަކީ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ދިރާސީ މަޢުލޫމާތުގެ އަލީގައި، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ، ރައްކާތެރި، ދުޅަހެޔޮ އަދި އިތުބާރުކުރެވޭފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ސަރުކާރުގެ މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތީގެ ބާވަތްތައް ޓެސްޓުކުރުމާއި މޮނީޓަރކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެއވިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު، ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަޙުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ޙާލަތްތަކުގައި ތިބި ހުރިހާ ފަރާތެއްގެ މަތިން ހަނދާންކުރައްވާފައެވެ. އަދި ގުޅިގެން މިފަދަ މައްސަލަތަކަށް ޙައްލު ގެނައުމަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނުވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި، ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށެވެ.




