މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި އާންމުކުރުމަށް ޤާނޫނުން ލާޒިމުކުރާ މައުލޫމާތުތައް ދައުލަތުގެ ހުރިހާ ވުޒާރާއަކުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
މިއީ 2014 ވަނަ އަހަރު މި ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މި މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.
މިހާތަނަށް ޤާނޫނުގެ މި މާއްދާގައިވާ ގޮތަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މައުލޫމާތު ހަމައެއް ނުކުރެއެވެ. ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ 16 ވުޒާރާއަކުން ވަނީ މި މައުލޫމާތު ޝާއިއުކޮށްފައެވެ. އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް މި މަސައްކަތް ފެށުމުގެ ކުރިން ވުޒާރާތަކުން ޝާއިއުކޮށްފައިވަނީ އެންމެ 34 އިންސައްތަ މައުލޫމާތެވެ. ނަމަވެސް ޖޫން މަހުގެ 7 ވަނަ ދުވަހާ ހަމައަށް ޤާނޫނުން އާންމުކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ވުޒާރާތަކުން ވަނީ އާންމުކޮށްފައެވެ.
އިންފޮމޭޝަން ކޮމިޝަނަރ އާހިދު ވިދާޅުވީ، ސަރުކާރުން މި މައުލޫމާތު އާންމުކުރުމަށް ކޮށްފައިވާ މަސައްކަތް ބަލައިގަންނަ ކަމަށާއި، މިއީ މުހިންމު ފެށުމެއް ކަމަށެވެ.
މި މައުލޫމާތުތައް އާންމުކުރެވުމާއެކު، ދެން އިސްކަމެއް ދޭން ޖެހެނީ އެކި ވުޒާރާތަކުގެ ދަށުން ހިނގަމުން އަންނަ އިދާރާތަކުން މި މައުލޫމާތު ޝާޢިއުކުރުމަށްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން މައުލޫމާތު ޤަވާއިދުން އަދާހަމަކުރުމަށާއި، އާރުޓީއައި ރިކުއެސްޓުތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދިނުން ހަރުދަނާކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް 13 ބާވަތެއްގެ މައުލޫމާތު ހާމަކުރަންޖެހެއެވެ. މި މައުލޫމާތުތައް ރައްޔިތުންގެ މަސްލަހަތަށްޓަކައި މަދުވެގެން އަހަރަކު އެއްފަހަރު ނުވަތަ އެއަށްވުރެ އަވަސް މުއްދަތެއްގައި، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތަކަށް ޝާއިއުކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ އިދާރާތަކުން އާންމުކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެ އިދާރާއެއްގެ މަސައްކަތްތަކާއި، ވާޖިބުތަކާއި، ޚިދުމަތްތަކުގެ ތަފްސީލް ހިމެނެއެވެ.
މީގެ އިތުރުން، އިދާރާގެ ވެރިންގެ މައުލޫމާތާއި، ޝަކުވާ ހުށަހެޅޭނެ ނިޒާމާއި، ނިންމުންތައް ނިންމުމުގައި އަމަލުކުރާ މަރުހަލާތަކުގެ އިތުރުން ރައްޔިތުންނަށް އަސަރު ފޯރާފަދަ މުހިންމު ނިންމުންތަކުގެ ތަފްސީލް ހިމެނުން ލާޒިމެވެ.



