ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ.
ޙައްޖުވެރިންގެ ދެވަނަ ގްރޫޕްގައި 262 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ.
ދެވަނަ ފްލައިޓްގެ ޙައްޖުވެރިން މަދީނާއިން ރާއްޖެއަށް ދަތުރުކުރީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 16:40 ހާއިރުއެވެ.
މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރި ހާޖީންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހައްޖާޖީން އެއާޕޯޓަށް ދިޔުމުގެ ކުރިން ލަގެޖްތައް ޕްރީ-ޗެކިންކޮށް، ބޯޑިން ޕާސްތައްވެސް ވަނީ ކުރިއާލާ ހަވާލުކޮށްފައެވެ. މިއީ ހައްޖުވެރިންނަށް ދަތުރުމަތީގައި ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތެކެވެ.
މިއަހަރުގެ ހައްޖުވެރިން މައްކާއަށް ދަތުރުކޮށްފައިވަނީ ”މައްކާ ރޫޓް އިނީޝިއޭޓިވް“ ގެ ދަށުންނެވެ. މި އިންތިޒާމުގެ ސަބަބުން ރާއްޖެއިން ފުރުމުގެ ކުރިން އިމިގްރޭޝަންގެ ހުރިހާ މަރުހަލާތަކެއް ނިންމާލެވުމުން، ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމުގެ ފުރުސަތު ހައްޖާޖީންނަށް ލިބިގެންދިޔައެވެ.
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް 240 އަށްވުރެ ގިނަ ހާޖީންނާއެކު ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. ބާކީ ތިބި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހު އޮންނަ ފްލައިޓްތަކުގައެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބޭ 1000 ކޯޓާގެ ދަށުން، ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.



