އިމިގްރޭޝަން ޤާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކާއި މެދު ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ޝަމްއާން މިހެން ވިދާޅުވެފައިވަނީ ސްރިލަންކާ އަށް ނިސްބަތްވާ މީހަކު ރާއްޖެއަށް އެތެރެވުމަށް ހުއްދަ ނުދީގެން އޭނާގެ ވަކީލު ޝަކުވާ ކުރަމުންދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަށް ރާއްޖެ އެތެރެވާން ހުއްދަ ދީފައި ނުވަނީ މީގެ ކުރިން ޑީޕޯޓުކޮއްލާފައިވާ މީހަކަށް ވާތިއެވެ. ދިވެއްސަކާއި ކައިގެން ކޮށްގެން އުޅުނު މި ބިދޭސީ މީހާގެ މައްޗައް ޖިނާއީ ބައެއް ކުށްތަކުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.
މި މައްސަލައާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެއިން ފުރައިގެން ދާން ބޭނުންވާ މީހުންނާއި، ރާއްޖެ އެތެރެވާ މީހުންނާއި، ރާއްޖޭގައި ތިބެން ބޭނުންވާ މީހުންގެ މައްޗަށް ވެސް އިމިގްރޭޝަން ޤާނޫނު ހިނގާނެ ކަމަށެވެ. އަދި ވަކި މީހަކަށް ތަފާތު ކުރުމެއްނެތި އިމިގްރޭޝަން ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.




