ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ ’ކާމް ރޫމް‘ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކާމް ރޫމް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުން ކަމަށެވެ.
މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް ކުންފުނިން ކުރާ މަސައްކަތް ހާމަކޮށްދޭ، މުހިންމު މަސައްކަތެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.


