އަވަށްޓެރި ސްރީލަންކާގައި ހަލުވި ކަމާއެކު ޑެންގޫ ހުން ފެތުރެމުންދާ ކަމުގައި ރިޕޯޓުތަކުން ބުނެފިއެވެ.
ލަންކާގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ބުނީ، ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އެ ޤައުމުގެ 14 ޑިސްޓްރިކްޓެއްގައި އިތުރުވަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ބަލި ފެތުރުން ހުއްޓުވުމަށާއި މަދިރި އާލާވާ ތަންތަން ހޯދައި ނައްތާލުމުގެ މަސައްކަތް ވަރުގަދަކުރަމުން ކަމުގައި ވެސް އެ ޔުނިޓުން ހާމަކޮށްފައިވެއެވެ.
އެ ޔުނިޓުގެ ޑިރެކްޓަރ، ޑރ. ކަޕިލާ ކަންނަންގަރާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޑެންގޫ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް މިއަށްވުރެ ހަރުކަށިކޮށް ކުރިއަށް ގެންދާނެ އެވެ. އަދި ހެލްތު އިންސްޕެކްޓަރުންގެ މަސައްކަތަށް ހުރަސްއަޅާ ނުވަތަ އެއްބާރުލުން ނުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ ޑެންގޫން ރައްކާތެރިވުމުގެ ހަރަކާތްތަކަށް އާންމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ޑރ. ކަޕިލާ ފާހަގަކުރެއްވިއެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް، ޑެންގޫ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ ޖެނުއަރީ މަހުން ފެށިގެން ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މަދިރި އާލާވުމަށް ފަހި މާހައުލެއް އުފެދުމުންނެވެ.
ލަންކާގެ ނޭޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން 5 ގެ ނިޔަލަށް ޑެންގޫގެ 36،168 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހުޅަނގު ސަރަހައްދުންނެވެ.



